ޕީއެންސީގައި 98،397 މެންބަރުން، އެމްޑީޕީގައި 54،201 މެންބަރުން

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުގައި، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި މިވަގުތު 98،397 މެންބަރުން ތިބިއިރު، އިދިކޮޅު މައި ޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ތިބީ 54،201 މެންބަރުންނެވެ.

މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ޕާޓީއެއްގައި މިހާ ގިނަ އަދަދަކަށް މެންބަރުން ހިމެނުނު ފުރަތަމަ ފަހަރެވެ. ޕީއެންސީން ވަނީ މި އަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ އަދަދު 100،000 އަށް ގެންދިއުމަށް އަމާޒު ހިފާފައެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުމަށް ލާޒިމުކުރާ 10،000 މެންބަރުންގެ އަދަދު ހަމަވާ ހަމައެކަނި ދެ ޕާޓީއަކީ ޕީއެންސީއާއި އެމްޑީޕީއެވެ. އެހެން ޕާޓީތަކުގައި 10،000 މެންބަރުން ހަމައެއް ނުވެއެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ 3،000 މެންބަރުން ހަމަނުވާ ދެ ޕާޓީއެއް ވެސް އެބައޮތެވެ. އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ރިޔާސަތު ބަލަހައްޓަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.

ދަފްތަރުން ދައްކާ ގޮތުގައި ޕީއެންއެފްގައި މިވަގުތު ތިބީ 2،586 މެންބަރުންނެވެ. އެމްއެންޕީގައި ތިބީ 2،873 މެންބަރުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް