ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ބިލު، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުން މަޖިލީހަށް ބަލައިގަނެފިއެވެ.
މި ބިލު ބަލައިނުގަތުމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.
ބިލު ހުށަހެޅުމުގެ މަގުސަދަކީ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންނާއި ކުށްވެރިޔާގެ ހައްގުތައް ހިމާޔަތްކުރެވޭނެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ.
ބިލުގައި ވަނީ މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، މިފަދަ މައްސަލަތަކުގައި ކޯޓުތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅާފައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ވާރިސުން އެއްބަސްވުމާއި، ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަވުމާއި، އަދުލުވެރި ޝަރީއަތެއް ކަށަވަރުކުރުމާއި، ދައުވާ ލިބޭ މީހާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައިދިނުން ހިމެނެއެވެ.
މީގެ އިތުރުން، މަރުގެ އަދަބު ކަނޑައެޅޭ މީހާއަށް ލިބިގެންވާ ހައްގުތަކާއި، ދައުލަތުން ފުރިހަމަކުރަންޖެހޭ ޒިންމާތަކާއި، އަދަބު ތަންފީޒުކުރުން މަނާވާ ހާލަތްތަކާއި ސަބަބުތައްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.





