ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ގަވާއިދުން ފޯރުކޮށްދިނުމަށާއި، ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބާރުއަޅުއްވައިފިއެވެ.
ސީޕީ މިކަމަށް ބާރުއެޅުއްވީ މިއަދު ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ އިސް އޮފިސަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ބޭއްވެވީ ތަހުގީގު ދާއިރާގެ ގާބިލުކަން އިތުރުކުރުމާއި، މަސައްކަތުގެ ހަލުވިމިން ރަނގަޅުކުރުމާއި، އަނިޔާ ލިބޭ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.
މައްސަލަ ހުށަހަޅާ ފަރާތްތަކަށް ތަހުގީގުގެ މަރުޙަލާތަކުގެ މައުލޫމާތު ގަވާއިދުން ހިއްސާކުރުމަކީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
ތަހުގީގުގެ މިންގަނޑުތަކަށާއި ހެކީގެ ރައްކާތެރިކަމަށް އުނިކަމެއް ނާންނާނެހެން އަވަސް އަދި ފުރިހަމަ ތަހުގީގުތަކެއް ކުރިއަށްގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ލަސްވުންތައް ކުޑަކޮށް ނުނިމި ހުރި މައްސަލަތައް މަދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި ތަހުގީގުކުރާ ބަހާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް އިރުޝާދު ދެއްވިއެވެ.
ޒަމާނީ ކުށްތަކަށް އަންނަ ބަދަލުތަކާއެކު ކޮމްޕްލެކްސް މައްސަލަތައް ތަހުގީގުކުރުމަށް އިންވެސްޓިގޭޝަން އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކޮށް، ޒަމާނީ ޓެކްނޮލޮޖީއާއި އިންޓެލިޖެންސް އަދި ފައިނޭންޝަލް އެނަލިޓިކްސްގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަށް ސީޕީ އެދިވަޑައިގެންނެވިއެވެ.
ތަހުގީގުގެ ހުރިހާ މަރުޙަލާއެއްގައި އަނިޔާ ލިބޭ ފަރާތްތަކާ މުޢާމަލާތްކުރުމުގައި އޯގާތެރިކަމާއި އިޙްތިރާމާއި ޕްރޮފެޝަނަލިޒަމް އިސްކުރުމަށް ވެސް ސީޕީ ބާރުއެޅުއްވިއެވެ.
ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑަކީ ޖިނާއީ ބޮޑެތި ކުށްތަކާއި ޚާއްޞަ މައްސަލަތައް ތަހުގީގުކުރުމުގެ ޒިންމާ އުފުލާ ބަހާއެވެ.





