މޫސުމީ ބަދަލުތަކަށް އެހީވުމަށް ތަރައްގީވެފައިވާ ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދަން ޖެހޭ ކަމަށާއި، އެ އެހީއަކީ ލޯނުގެ ބަދަލުގައި ހިލޭ އެހީގެ ގޮތުގައި ދެވޭ އެހީއަކަށް ވާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކޮޕް31 ގެ ތެރެއިން މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މިއަދު ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މި ގޮތުން ދެވޭ އެހީގެ ފައިސާއަކީ އަލަށް ކަނޑައެޅި، އިތުރުކުރެވޭ، ދެމެހެއްޓެނިވި އަދި ޔަގީންކަން އޮތް ގޮތެއްގައި ލިބޭ ފައިސާއަކަށް ވާން ޖެހޭ ކަމަށެވެ. އަދި ގްރީން ކްލައިމެޓް ފަންޑާއި އެޑަޕްޓޭޝަން ފަންޑު އިތުރަށް ފުރިހަމަކޮށް، ލޮސް އެންޑް ޑެމޭޖް ފަންޑަށް އެކަށީގެންވާ ވަރަށް ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މޫސުމީ ބަދަލުގެ ކާރިސާ އުފެދުމުގައި ރާއްޖޭގެ ދައުރު ވަރަށް ކުޑަ ކަމަށާއި، ރާއްޖެ ހިއްސާނުވާ ކާރިސާއަކުން ސަލާމަތްވުމަށް ދަރަނިވެރިވާން ރާއްޖެއަށް މަޖުބޫރުވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މާލީ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނެސް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހުރި ނާޒުކު ހާލަތްތައް ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުން ބަލައިގަންނަން ޖެހޭ ކަމަށާއި، ކްރެޑިޓް ރޭޓިން އޭޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރާ އުސޫލުތައް ބަދަލުކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން އަންނަނީ ކާބޯތަކެއްޗާއި، ހަކަތަ އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުން ކަމަށާއި، ރަށްރަށުގައި ސާފު ހަކަތަ ފުޅާކުރަމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ.





