ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވޯޓާ އެއަރޯޑްރޯމް ސަރަހައްދުގައި މިއަދު މެންދުރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނަކަށް ދިމާވި ހާދިސާގައި ޒަޚަމްވި ކެބިން ކްރޫއަށް، ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.
މެންދުރު 2:25 ހާއިރު މި ހާދިސާ ހިނގަން މެދުވެރިވީ ސީޕްލޭން ޓެކްސީކުރަމުން ދަނިކޮށް އޭގެ ދެ ކަނދުގެ ތެރެއިން އެއް ކަނދު ބިނދި ހަލާކުވުމާ ގުޅިގެންނެވެ. މި ހާދިސާގައި ކަނދު ބިނދުނު ވަގުތު ފްލައިޓުގެ ކްރޫ ވަނީ އޭގައި ތާށިވެފައެވެ.
އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ސީރިއަސްކަމުން، ފަރުވާ ދޭން ފެށީ ވެސް އައިސީޔޫގައެވެ. އޭނާއަށް ވެފައިވާ އަނިޔާގެ ތަފުސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
ހާދިސާ ހިނގި ވަގުތު ސީޕްލޭންގައި ކްރޫންގެ އިތުރުން ފަތުރުވެރިން ވެސް ތިއްބެވެ. އެންމެހައި ފަސިންޖަރުންނާއި ކްރޫން ވަނީ ރައްކާތެރިކަމާއެކު ބޯޓުން ބާލާފައެވެ.
ޓީއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ހާދިސާ ހިނގަން މެދުވެރިވި ގޮތް ތަހުގީގުކުރަމުން ދާ ކަމަށެވެ. ހާދިސާގެ ރިޕޯޓު ލިބި، އެކަން ހިނގައިދިޔަ ގޮތް ބަލަމުން ދާ ކަމަށް ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިޔާމް ވެސް ވިދާޅުވިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ހާދިސާ ހިނގުމާއެކު އެއާޕޯޓް އިމަޖެންސީ ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށާއި، ވޯޓާ އެއަރޯޑްރޯމުގެ ޚިދުމަތްތައް އާންމު ގޮތުގައި ކުރިއަށް ދާ ކަމަށެވެ.





