ޓީއެމްއޭ ސީޕްލޭނެއްގެ ކަނދު ހަލާކުވެ، ބޯޓު އަޑިއަށް ދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް ކައިރީގައި އޮތް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއްގެ އެއް ކަނދު ހަލާކުވެ، ސީޕްލޭން ދިޔަވެ އަޑިއަށް ދާން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސީޕްލޭންގެ ބޮޑު ބައެއް އޮތީ ފެނު އަޑީގައެވެ. ސީޕްލޭން އަޑިއަށް ދިޔަ ވަގުތު، ލައިފް ރިންގުގެ އެހީގައި އޭގެ ތެރޭގައި ތިބި މީހުން ބާލަމުންދާ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.

ހާދިސާ ހިނގިއިރު ސީޕްލޭންގައި ކްރޫންނާއެކު ފަސިންޖަރުން ވެސް ތިބި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ސީޕްލޭންގައި ތިބި މީހުންގެ އަދަދު އަދި ސާފެއް ނޫނެވެ.

ހާދިސާއާއެކު ސީޕްލޭން ވަނީ ޓާމިނަލްގެ ޑޮކު ކައިރިއަށް ގެނެސްފައެވެ. ޓީއެމްއޭގެ ގިނަ އަދަދެއްގެ ކްރޫންނާއި އެހެން މީހުން ވެސް އެހީތެރިވުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ފެންނައިރު، އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއުގެ ޓީމެއް ވެސް ދަނީ އެތަނުގައި ހަރަކާތްތެރިވަމުންނެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މީހަކަށް އަނިޔާވި ކަމެއް ވޭތޯ އަދި ކަށަވަރެއް ނުވެއެވެ. ހާދިސާއާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން މިހާތަނަށް ރަސްމީކޮށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް