މިއަދާއި މާދަމާ މާލެ ސަރަހައްދާއި އައްޑޫން ޕާސްޕޯޓު ދޫކުރާނެ: އިމިގްރޭޝަން

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ނޮވެމްބަރު 11 އަދި 12 ވަނަ ދުވަހުވެސް، މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ކުރިއަށްދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އެ އިދާރާއިން ބުނީ، މި ދެ ދުވަހު މާލެ، ހުޅުމާލެ އަދި އައްޑޫގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން މެންދުރުފަހު 16:00 އަށެވެ. އައްޑޫ އޮފީހުން ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން ހަވީރު 17:00 އަށް ކަމަށާއި، މާލޭގެ މައި އޮފީހުން ނަންބަރު ދޫކުރާނީ ހެނދުނު 09:00 އިން މެންދުރުފަހު 16:00 އަށް ކަމަށެވެ.

އޮފީސްތަކަށް ހާޒިރުވުމުގެ އިތުރުން، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އަދި މެޑިކަލް އެމަރޖަންސީ ފަދަ ކުއްލި ހާލަތްތަކުގައި އެހީތެރިކަމަށް އިމިގްރޭޝަންގެ ހޮޓްލައިން 9555333 އަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް