ޗައިނާގައި މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލާޝިޕްތަކެއް ހުޅުވާލައިފި

ޗައިނާ ސަރުކާރުގެ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން، 2027-2028 ވަނަ ދިރާސީ އަހަރު ޗައިނާގައި އަންޑަގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ފެންވަރުގައި ކިޔެވުމަށް ދިވެހި ދަރިވަރުންނަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

މި ސްކޮލާޝިޕްތަކަށް އެދި ހުށަހަޅަންވާނީ، ޗައިނާ ސަރުކާރުގެ ރަސްމީ ސްކޮލާޝިޕް ޕޯޓަލް މެދުވެރިކޮށް، އަންނަ ޖެނުއަރީ 29 ވާ ހުކުރު ދުވަހުގެ ޗައިނާ ގަޑިން ރޭގަނޑު 23:59 ގެ ކުރިންނެވެ. ސުންގަޑި ހަމަވުމުގެ ކުރިން ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިރުޝާދުދީފައެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އަންޑަގްރެޖުއޭޓް ޕްރޮގްރާމްތަކަށް ކުރިމަތިލާ ފަރާތްތަކުން، އެޕްލިކޭޝަނާއެކު ޗައިނާ ސްކޮލަސްޓިކް ކޮމްޕިޓެންސް އެސެސްމަންޓް (ސީއެސްސީއޭ) ގެ ނަތީޖާ ހުށަހަޅަންޖެހޭނެއެވެ. ސީއެސްސީއޭއަށް ރަޖިސްޓަރީވުމާއި އިމްތިހާނު އޮންނަ ތާރީޚުތަކާ ގުޅޭ ތަފްޞީލު، ޗައިނާ ސްކޮލާޝިޕް ކައުންސިލް (ސީއެސްސީ) ގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން، ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔެވުމަށް ޗައިނާއަށް ފުރުމުގެ ކުރިން، އިޚްތިޔާރުކުރި ތަޢުލީމީ މަރުކަޒާއި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ ތަނަކާއި ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

ހަމައެއާއެކު، ރާއްޖޭގައި މަސައްކަތްކުރުމަށް ޕްރޮފެޝަނަލް ލައިސަންސް ނަގަންޖެހޭ ދާއިރާތަކުން ކިޔަވަން ގަސްތުކުރާ ދަރިވަރުން، ކިޔަވާ މަރުކަޒަކީ ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކުން ބަލައިގަންނަ ތަނެއްކަން ޔަޤީންކުރުމަށް ވެސް މިނިސްޓްރީން އަންގާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް