ހއ. ދިއްދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފަށައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއާޕޯޓުގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް ދިއްދޫ ކައުންސިލުގެ ރައީސް އުސްމާން ރަޝީދު ވިދާޅުވެއްޖެއެވެ.
ކައުންސިލް ރައީސް ވިދާޅުވީ، އެއާޕޯޓު އަޅާ ބިމުގެ ބައުންޑްރީ ޖެހުމުގެ މަސައްކަތް މި ހިނގާ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
މި މަޝްރޫޢަށް ބޭނުންވާ 112 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، މި އަހަރުގެ ކުރީކޮޅު 50 ދުވަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.
ދިއްދޫގައި ތަރައްޤީކުރަނީ ޑޮމެސްޓިކް އެއާޕޯޓެކެވެ. އެ އެއާޕޯޓުގައި މަދުވެގެން 1،500 މީޓަރުގެ ރަންވޭއަކާއި ޓާމިނަލެއްގެ އިތުރުން އެހެނިހެން ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވޭނެ ކަމަށް އުސްމާން ވިދާޅުވިއެވެ. އަދި ހިއްކި ބިމުން އެއާޕޯޓަށް ބޭނުންކުރާ ބައި ފިޔަވައި ބާކީ ބިން، ރަށުގެ އެހެން ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ 14 ރަށާއެކު 16،000 އެއްހާ މީހުންގެ އާބާދީއެއް އޮތް ހއ. އަތޮޅުގައި މިހާރު ޚިދުމަތް ދެމުން އަންނަނީ ހޯރަފުށީ އެއާޕޯޓުން އެކަންޏެވެ. ދިއްދޫ އެއާޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަވެ، ވަށަފަރު، ފިއްލަދޫ، ކެލާ، މުރައިދޫ، ބާރަށް އަދި އުތީމު ފަދަ ރަށްތަކަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެއެވެ.
ދިއްދޫ އެއާޕޯޓަކީ މި ރިޔާސީ ދައުރުގެ ތެރޭގައި ރާއްޖޭގައި 15 އެއާޕޯޓު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނެރުއްވި ޤަރާރުގައި ހިމެނޭ އެއާޕޯޓެކެވެ. ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު ހިމެނޭ ގޮތަށް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއް ޤާއިމުކުރުމަށް ސަރުކާރުން ރާވާފައިވާއިރު، މި އެއާޕޯޓަކީ އެ ރޭވުމުގެ މުހިންމު ބައެކެވެ.





