ހުޅުމާލޭގައި ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށައި އެންމެ ގިނަވެގެން ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ތީމް ޕާކު ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ހުއްޓިފައިވާ ވޯޓާ ތީމް ޕާކުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރާ މި ކަމާ ބެހޭގޮތުން ސުވާލުކުރެއްވުމުން، އަހަރެއް ނުވަތަ ދޮޅު އަހަރު ތެރޭގައި މަޝްރޫޢު ނިންމާލެވޭނެ ކަމަށް އެމްޑީ ވިދާޅުވި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ހުއްޓިފައިވާ މަޝްރޫޢުތަކުގެ ތެރެއިން ވޯޓާ ތީމް ޕާކަކީ ވަރަށް އަވަހަށް ހަޤީޤަތަކަށް ވާނެ މަޝްރޫޢެއް ކަމަށެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގު ނިމޭ ހިސާބުގައި އޮންނަ ބިމުގައި ވޯޓާ ތީމް ޕާކު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 2017 ވަނަ އަހަރުގައެވެ. އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް، ކޮންކްރީޓްގެ ބޮޑު ބައެއް ވަނީ ނިންމާފައެވެ.
ތީމް ޕާކުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްޞަ ވޯޓާ ސްލައިޑްތަކާއި ކިޑްސް ޕޫލް، ބަމްޕާ ބޯޓްސް، ވޯޓާ ހައުސެސް، ވޯޓާ ރޯލާސް، ފައުންޓޭން ސްކޮޔާ އަދި ރިވާ ހިމެނެއެވެ. މީގެ އިތުރުން އޯވާ ވޯޓާ ރެސްޓޯރެންޓަކާއި އޯވާ ވޯޓާ ސްޕާއަކާއެކު ހޮޓަލެއް އެޅުމަށް ވެސް ޕްލޭންގައި ހިމެނެއެވެ.
ވޯޓާ ތީމް ޕާކުގެ އިތުރުން ހުޅުމާލޭގައި ބޯލިން އެރީނާއެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އިންޑޯ ފުޓްސަލް ކޮމްޕްލެކްސްއަކާއި ނެޓްބޯޅަ ކޮމްޕްލެކްސްއެއްގެ މަސައްކަތް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ގޯ-ކާޓް އެރީނާއެއް މި ދައުރުގެ ތެރޭގައި ހުޅުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މާލޭގައި އާކޭޑް ގޭމް ކުޅެވޭނެ ތަނަކާއި ކުޑަކުދިން ކުޅޭނެ އިންޑޯ ސެންޓަރަކާއި އީ-ގޭމިން ސެންޓަރުތައް އަންނަ އަހަރު ނިމެންވާއިރަށް ޤާއިމުކުރެވޭނެ ކަމަށާއި، މާލޭގައި ހަދާ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ޕާކިސްތާނުގެ ސަރުކާރުން ހަދިޔާކުރި ކްރިކެޓް ސްޓޭޑިއަމް އަޅައި، ގަލޮޅު ދަނޑު ތަރައްޤީކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.





