ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ހަދިޔާކުރި 1،200 ގަސް ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި އިއްޔެ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން މި ގަސްތައް ހަދިޔާކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމަނިއަމެވެ. ދިވެހި ސަރުކާރުގެ ފަރާތުން ގަސްތަކާ ހަވާލުވެލެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފާއި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމްގެ އިތުރުން ޑިޕްލޮމެޓިކް ކޯގެ ބޭފުޅުން ބައިވެރިވެވަޑައިގެން، ގަސް އިންދުމުގެ ޙަރަކާތް ކުރިއަށްގެންދަވާފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢާރަފްކުރެއްވި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ މުހިންމު މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސްތައް އިތުރުވެ، ހިޔާ ލިބި، ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ހިތްފަސޭހަ ތަންތަނަށް ވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން ލިބުނު އެހީއަށް ޚާރިޖީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ރާއްޖޭގެ އިސްކަންދޭ ޤައުމީ މަސައްކަތްތަކުގައި އިންޑިއާއިން ދެމުންގެންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.





