2010 ވަނަ އަހަރު ޏ. ފުވައްމުލަކުގައި ތޫނު އެއްޗަކުން ހަމަލާދީ ޢަބްދުﷲ ޝުހާދު މަރާލި މައްސަލައިގައި، އެ ރަށު ކަރަންކާއާގޭ ޙަސަން ފަރީދު މެރުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.
ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވެ ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކުރުމުން، ހައިކޯޓުގެ ހުކުމް ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ވަނީ ދަމަހައްޓާފައެވެ.
ދައުލަތުން ކްރިމިނަލް ކޯޓުގައި އިއްވި ދައުވާގައި ބުނެފައިވަނީ، 27 ޖެނުއަރީ 2010 ގެ ރޭ 9:30 ހާއިރު، ފަރީދު އިތުރު ބަޔަކާއެކު ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް، އެ ސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާ ދިމާލު ކަނާތު އަރިކައްޓަށް ވަޅިން ހަމަލާދީފައިވާ ކަމަށެވެ.





