ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެ ކުދިންގެ މައުލޫމާތާއި ފޮޓޯ ހާމަނުކުރުމަށް އިލްތިމާސްކޮށްފިއެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ފަދަ މައުލޫމާތު މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާތީ އެކަމާ މެދު ނުހަނު ކަންބޮޑުވާ ކަމަށް އެ ވުޒާރާގެ ބަޔާނުގައި ވެއެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް ޢާއިލާއާއި ޖަމާއަތާއި ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭކަން ވެސް ހަނދާންކޮށްދީފިއެވެ.
ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއާ ޙަވާލާދީ އެ ވުޒާރާއިން ބުނީ، ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވާ ކުދިންގެ އިތުރުން ރައްކާތެރިކަން ބޭނުންވާ ކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް ޒާތީ މައުލޫމާތެއް ހާމަކުރުމަކީ މަނާކަމެއް ކަމަށެވެ. މީގެ ތެރޭގައި ކުއްޖާގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ތަނުގެ މައުލޫމާތު ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އެއީ ކާކުކަން ދެނެގަނެވޭނެ މައުލޫމާތާއި ފޮޓޯ މީޑިއާގައި ޝާއިޢުކުރުން މަނާކޮށްފައިވެއެވެ.
އާންމުން ދެކޭ ގޮތަށް ނުފޫޒުފޯރުވުމަށް ނުވަތަ އެހެން ބޭނުމަކަށްވިޔަސް، މީޑިއާގައި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު ހާމަކުރުމަކީ ކުޑަކުދިންގެ ޙައްޤަކަށް އަރައިގަތުން ކަމަށް ވުޒާރާއިން ފާހަގަކޮށްފިއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއަކަށްވާތީ، މިފަދަ އެއްވެސް މައުލޫމާތެއް އާންމުނުކުރުމަށް އަންގާފައިވެއެވެ.





