މާދަމާއިން ފެށިގެން ކުރިއަށް އޮތް ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، މި ދުވަސްވަރު މޫސުން ގޯސްވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ބައެއް ސަރަހައްދުތަކަށް ވިއްސާރަވެ ކެރީގެ އަސަރު ކުރާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މޫސުން ގޯސްވި ނަމަވެސް، އާންމުކޮށް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށްވާތީ، އާންމު ވައި މާ ބޮޑަށް ގަދަވާނެ ކަމަކަށް މެޓް އޮފީހުން ލަފައެއް ނުކުރެއެވެ. އެހެންނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
މި ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ދުވަސްވަރު އެންމެ ފަހުގެ މަޢުލޫމާތު އެ އިދާރާއިން ސިލްސިލާކޮށް ހާމަކުރަމުންދާނެއެވެ.





