ރާއްޖޭގެ ހުރިހާ ރަށެއްގެ ޔުޓިލިޓީ ހިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ހިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކޮށް، އެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

ފެނަކައިން ދެމުން އައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެކެވެ. މި ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ސްޓެލްކޯއިން ހަވާލުވީ ލ. ފޮނަދޫގައެވެ.

ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝަރުނީޒެވެ.

މި ރަސްމިއްޔާތުގައި އަޒުވަރު ވިދާޅުވީ، ރަށްތަކުގެ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވުމުން ރައްޔިތުން މި ހިދުމަތްތަކާމެދު ކުރާ އުއްމީދު ބޮޑުވެފައިވާ ކަމަށެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ހަރުދަނާ ވިސްނުންފުޅާއި ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ނިންމަވާފައިވާ ވަރަށް މުހިންމު އަދި ބޭނުންތެރި ނިންމެވުމެއް ކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކުންފުންޏާއި މުވައްޒަފުން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

މީގެ ކުރިން ސްޓެލްކޯއިން ހިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައެވެ. ފެނަކަ އުވާލަން ސަރުކާރުން ނިންމުމުގެ ކުރިން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ހިދުމަތްތައް ވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ.

މިއަދު ގެނެވުނު ބަދަލާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތައް ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވެއެވެ. އެ ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ މިންގަނޑުތަކަށް ހިދުމަތްތައް ފެއްތުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް، އަތޮޅުތަކުގެ އިންޖީނުގެތައް ހިންގާ ބެލެހެއްޓޭނެ އޮނިގަނޑެއް ތަންފީޒުކުރަން ފަށާފައިވެއެވެ. ފެނަކައިން ހިދުމަތް ދެމުން އައި އަތޮޅުތެރޭގެ ރަށްތައް ކުންފުނީގެ ދަށަށް ގެނައުމުގެ އަމަލީ މަސައްކަތުގައި ސްޓެލްކޯގެ ޖުމްލަ ހަތަރު ޓީމަކުން އަތޮޅުތެރޭގައި ހަރަކާތްތެރިވެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް