ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް ޔޫސުފް މޮންޓްރިއަލް ޕްރޮޓޮކޯލްގެ 38 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާ ބެހޭ މޮންޓްރިއަލް ޕްރޮޓޮކޯލްގެ އެއްބަސްވުމުގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓު (ހައި-ލެވެލް ސެގްމެންޓް) ގައި، ދިވެހިރާއްޖޭގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ޔޫސުފް ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ ތިމާވެއްޓާއި އޯޒޯން ފަށަލަ ހިމާޔަތްކުރުމަށްޓަކައި، އޯޒޯން ފަށަލަ ހަލާކުކުރާ މާއްދާތައް ބޭނުންކުރުން ހުއްޓުވުމާއި މަދުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމުމަށް ބޭއްވި މުހިންމު ބައްދަލުވުމެކެވެ.

އެކި ޤައުމުތަކުގެ އިސްވެރިންނާއި ވަޒީރުން ބައިވެރިވެވަޑައިގެންފައިވާ މި މަތީ ފަންތީގެ ސެގްމެންޓުގައި، ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ޔޫސުފް ވަނީ ރާއްޖެއިން އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިފަދަ ބައިނަލްއަޤްވާމީ މުއާހަދާތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފޯރާ ޤައުމަކަށް ވުމާއެކު، ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އިސްދައުރެއް އަދާކުރަމުންދާ ކަމަށް ފާހަގަކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް