ފ. ނިލަންދޫގައި އާ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށްދާ ނިލަންދޫ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން، އޮފީސް އިމާރާތުގެ ދެވަނަ ފަންގިފިލާގެ ތަނބުތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް، ސުލްހަވެރި އަދި ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ނިލަންދޫގައި ގާއިމުކުރެވޭ އާ ޕޮލިސް ސްޓޭޝަނަކީ ޒަމާނީ ވަސީލަތްތަކާއެކު، ފުލުހުންގެ އިދާރީ މަސައްކަތްތަކަށާއި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ބިނާކުރާ އިމާރާތެކެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، އިމާރާތުގެ އޮނިގަނޑު ހެދުމުގެ މަސައްކަތްތައް ނިމުމާކައިރިވެ، ކުރިއަށް އޮތް ތަނުގައި ފިނިޝިން މަސައްކަތްތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މި އިމާރާތް ނިމުމުން، ފުލުހުންގެ ހިދުމަތް ހޯދާ އާންމު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބި، ރަށުގެ ކުށްމަދުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ރަށްރަށުގައި ގާއިމުކުރެވޭ ޕޮލިސް ސްޓޭޝަންތަކުގެ ފެންވަރު މަތިކޮށް، ފުލުހުންގެ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އެގޮތުން ނިލަންދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، އާންމުންނަށް ހިދުމަތް ދޭން ފެށުމަށް ދަނީ އިސްކަންދެމުންނެވެ.