ދ. ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން، އެއްގަމުތޮށި ގެތުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ސައިޓުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ ކުޑަހުވަދޫގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި، ލަފާފުރުމުގައި އާންމުންނަށާއި އޮޑިވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްދާ މުހިންމު މަޝްރޫއެކެވެ. މަޝްރޫއުގެ އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، އެއްގަމުތޮށި ތަރައްގީކުރުމަށްޓަކައި ބޭނުންވާ ޕްރީކާސްޓް ކޮންކްރީޓް ބްލޮކްތައް އަތުރައި، ތޮށި ވަރުގަދަކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

މި މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމާއި، ފާލަން ބިނާކުރުމާއި، އެއްގަމުތޮއްޓާއި ބޭރުތޮށި ތަރައްގީކުރުމުގެ އިތުރުން، ބަނދަރު ސަރަހައްދުގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
އެމްޓީސީސީން ބުނެފައިވަނީ، މި މަޝްރޫއު ނިމިގެންދާއިރު ކުޑަހުވަދޫގެ އިގްތިސާދީ އަދި އިޖުތިމާއީ ހަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި މަސައްކަތްތައް ތާވަލާ އެއްގޮތަށް ނިންމާލުމަށްޓަކައި އެ ކުންފުނީގެ ޓީމުން ސައިޓުގައި އަވަސް މިނެއްގައި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޓީސީސީން ހާމ ކުރެއެވެ.





