ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރައްޔިތުންނަށް ކަރަންޓުގެ އަގު ކުޑަކޮށް ފޯރުކޮށްދިނުމުގެ ގޮތުން ފިއުލް ސަބްސިޑީއަށް މިއަހަރުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މިއަހަރުގެ އެންމެ ބޮޑު އިމްތިޙާނަކީ ދުނިޔޭގެ މަޝްރަޙަށް އައި ބަދަލުތަކާއެކު ދައުލަތުގެ ޚަރަދުތައް އުފުލުން ކަމަށެވެ. ޚާއްޞަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ހޮރުމުޒު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު ބޮޑުވި ނަމަވެސް، ސަރުކާރުން ވަނީ ރައްޔިތުންނާއި ވިޔަފާރިތަކަށް އޭގެ އަސަރު ނުކުރާނެހެން ސަބްސިޑީ ފޯރުކޮށްދީގެން އަގުތައް ހިފަހައްޓާފައެވެ.
މިއަހަރު ސަބްސިޑީއަށް ބަޖެޓުކުރި 2.89 ބިލިއަން ރުފިޔާގެ ބަދަލުގައި، މި މަހުގެ 15 އާ ހަމައަށްވެސް 4.3 ބިލިއަން ރުފިޔާ ސަބްސިޑީއަށް ޚަރަދުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ފޯކާސްޓްތަކަށް ބަލާއިރު އަންނަ އަހަރު ތެލުގެ އަގު ދަށްވާނެ ކަމަށް އަންދާޒާކުރެވޭތީ، އަންނަ އަހަރު ފިއުލް ސަބްސިޑީއަށް ކުރާ ޚަރަދު 3.2 ބިލިއަން ރުފިޔާއަށް ދަށްވާނެ ކަމަށް ބެލެވެއެވެ.





