ހުޅުމާލޭ ފިހާރައެއްގެ ކޭޝިއަރަށް ވަޅިން ހަމަލާދިން މީހާ 18 އަހަރަށް ޖަލަށްލައި 7 މިލިއަނުން ޖޫރިމަނާކޮށްފި

ހުޅުމާލޭގެ ފިހާރައެއްގައި އިން އަންހެން ކޭޝިއަރެއްގެ ކަރަށް ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ބަންގްލަދޭޝް މީހަކު 18 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމާއެކު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުމުގެ ކުށް ސާބިތުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރް މިއާގެ މައްޗަށެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 27 ވީ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ ފިހާރައަކަށް ގޮސް އެ ފިހާރައިގެ ކޭޝިއަރަކަށް އިން ނޭޕާލްގެ އަންހެން ރައްޔިތެއް ކަމަށްވާ ޗަންދްރިކާ ލިމްބޫގެ ކަރަށް ވަޅިއަކުން ހަމަލާދީ ބޮޑެތި ޒަޚަމްތަކެއް ދީފައެވެ.

ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މިއީ 20 އަހަރުގެ ޖަލު އަދަބަކާއެކު ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އަންނަ ކުށެކެވެ. ނަމަވެސް، ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޒުކުރަންޖެހޭ އަދަބަކީ 18 އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލު ހުކުމެއް ކަމަށާއި، ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަންޖެހޭނެ ކަމަށް ކޯޓުގެ ޙުކުމުގައި ވަނީ ކަނޑައަޅާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް