ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އަލިފާންގަނޑު މުޅިން ނިއްވާލެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ހާމަކުރައްވައިފިއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، މި ހާދިސާގައި އަލިފާންގަނޑު މުޅިން ކޮންޓްލްކޮށް ނިއްވާލެވުނީ މިއަދު ހެނދުނު 11:58 ހާއިރު ކަމަށެވެ. އަދި އަލިފާން ނިއްވުމަށްފަހު، އަލުން އަލިފާން ރޯވިޔަ ނުދިނުމަށްޓަކައި ސަރަޙައްދު ފިނިކުރުމުގެ މަސައްކަތާއި ސަލާމަތީ ކަންކަން ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ބަލަހައްޓަމުންދާ ކަމަށާއި، މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގޭބިސީތަކަށް ދިމާވި ކުއްލި ނުރައްކާ މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މި ހާދިސާގެ ސަބަބުން 5 ގޭބިސީއަކަށް ސީދާ ގޮތުން އަސަރުކޮށްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖުމްލަ 33 މީހުން ވަނީ ވަގުތީގޮތުން އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. މީގެއިތުރުން، ޝެޑާ ކައިރީގައި ހުރި 15 ގެޔަކަށް ދުމުގެ އަސަރު ބޮޑަށް ކޮށްފައިވާ ކަމަށާއި، އެ ސަރަހައްދުގައި ހުރި 4 ވޯކްޝޮޕަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ. އަދި މި ހާދިސާއާ ގުޅިގެން އެރަށު ސްކޫލުވެސް މިއަދު ވަނީ ބަންދުކޮށްފައެވެ.
މި ހާދިސާގައި ޖުމްލަ 18 މީހަކަށް އެކިވަރުގެ އަސަރުކޮށްފައިވާއިރު، އޭގެ ތެރޭގައި 16 އާންމުންނާއި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި 1 ފަޔާ ފައިޓަރެއްގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލުގެ 1 މުވައްޒަފަކު ހިމެނެއެވެ. ނަމަވެސް އެއްވެސް މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާ ކަމަށާއި، މިވަގުތު 4 މީހަކަށް ށ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މި ނުރައްކާތެރި ހާދިސާގައި އަލިފާން ނިއްވުމާއި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމްއެންޑީއެފް ނޮދާން އޭރިއާ ކޮމާންޑް (ފަޔާ އެންޑް ރެސްކިޔު ސާވިސް)، ފުނަދޫ އެއާޕޯޓް ފަޔާ އެންޑް ރެސްކިޔު ޓީމު، މޯލްޑިވްސް ޕޮލިސް ސާވިސް، ފުނަދޫ ކައުންސިލް، އަދި ފުނަދޫ ސްކޫލުގެ ކެޑޭޓުން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.





