އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ މޫސުމާ ބެހޭ އައު އޮފީހަކާއި އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރެއް ބެހެއްޓުމުގެ މަޝްރޫއުގެ ތައްޔާރީތައް ފަށާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށްދަނީ އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމުގެ މަސައްކަތާއި، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތެވެ. މި ތައްޔާރީތައް ނިމުމާއެކު، އައު މެޓް އޮފީހާއި ރާޑަރު ބެހެއްޓުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.

ގަން އެއާޕޯޓުގައި ގާއިމުކުރާ މި އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރަކީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ މޫސުން މާ ބޮޑަށް ދެނެގަނެ، ވިއްސާރައާއި ކޮޅިގަނޑުތައް އަންނަ މިސްރާބު ދުރާލައި ދެނެގަނެވޭނެ ޒަމާނީ ވަސީލަތެކެވެ. މީގެ ސަބަބުން އާންމުންނަށް މޫސުމީ އިންޒާރުތައް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެ، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.





