އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި ރެޑްވޭވް ފިހާރަ ލޫޓުވަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި ޢަލީ ޖުމާން (ޑެތު)

ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖެހުމަށާއި، ރެޑްވޭވް ފިހާރަ ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގައި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ޢަލީ ޖުމާން (ޑެތު) މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އުމުރުން 25 އަހަރުގެ ޖުމާން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މީގެ ކުރިން "އެކްސް" (ޓްވިޓަރ) ގައި އޭނާ ކުރި އެ ޕޯސްޓު މިހާރު ވަނީ ޑިލީޓުކޮށްލާފައެވެ. ޖުމާންއަކީ މީގެ ކުރިންވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން ބޭއްވި މުޒާހަރާއަކުން ހައްޔަރުކޮށްފައިވާ ފަރާތެކެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ ޙަސަން ޒިހާންވެސް ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި މައްސަލައެއްގައި ޒިހާން ހައްޔަރުކުރުމަށްފަހު، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް