ރާއްޖެ އާއި ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިކަން އިއުލާން ކުރެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް އެގައުމަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ބިޒްނަސް ފޯރަމްގެ މައިގަނޑު ހައިލައިޓްސް
-
ވައިގެ ދަތުރުފަތުރު: ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސައިންކުރެވުނު 20 އެމްއޯޔޫގެ ތެރެއިން އެންމެ މުހިންމު އެއް އެއްބަސްވުމަކީ ވައިގެ ދަތުރުތައް އަލުން ފެށުމެވެ. ކަރާޗީއަށް ދަތުރުތައް ފެށުމުން ވިޔަފާރިއާއި ޓޫރިޒަމަށް އާ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.
-
ވިޔަފާރީގެ އަމާޒު: ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 13 މިލިއަން އެމެރިކާ ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
-
ކާބޯތަކެތީގެ ރައްކާތެރިކަން: ކުޑަ ބާޒާރެއްގެ ގޮތުގައި ރާއްޖެ ނުދެކުމަށާއި، އަހަރަކު 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަންނަ މާހައުލެއްގައި ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
-
އިންވެސްޓްމަންޓް ދާއިރާތައް: ފިނިކޮށްގެން ތަކެތި އުފުލުމުގެ ނިޒާމު، ކޯލްޑް ސްޓޯރޭޖް ގުދަންތައް، ކާބޯތަކެތި ރައްކާތެރިކަމާއެކު ތައްޔާރުކުރުން އަދި މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއެކު މަސައްކަތްކުރަން ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ.
ރައީސް މުއިއްޒު ވަނީ ދެ ގައުމުގެ ދެމެދުގައި ސީދާ ޝިޕިން ބަނދަރުތަކާއި ލޮޖިސްޓިކްސް ގުޅުންތައް ގާއިމުކުރުމަށް ދެ ގައުމުގެ ވިޔަފާރިވެރިންނާއި އޭވިއޭޝަން ދާއިރާގެ އިދާރާތަކަށް ހިއްވަރު ދެއްވާފައެވެ.





