ރައީސް މުއިއްޒު ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒު ޝަރީފްއާއެކު

ރާއްޖެއާއި ޕާކިސްތާނާ ދެމެދު މިހާރު ކުރަމުންދާ 13 މިލިއަން ޑޮލަރުގެ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިއުލާނުކުރެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު އެ ޤައުމުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 20 މުހިންމު އެއްބަސްވުމާއި ފަހުމުނާމާ (އެމްއޯޔޫ) އާގަޑީގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވި، ދެ ފަރާތަށްވެސް ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ސޮއިކުރެވުނު މުހިންމު ދާއިރާތައް:

  • ދަތުރުފަތުރާއި ވިޔަފާރި: ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމާއި، ދަނޑުވެރިކަމުގެ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

  • ޞިއްޙަތާއި ތަޢުލީމު: ރާއްޖޭގައި މެޑިކަލް ސްކޫލެއް އިމާރާތްކުރުމާއި، ސިއްހީ ދާއިރާއިންނާއި މަތީ ތައުލީމާއި ދިރާސާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުން.

  • ދިފާއީ އަދި ސަލާމަތީ ކަންކަން: ސައިބާ ސެކިއުރިޓީ ހަރުދަނާކުރުމާއި، މަސްތުވާތަކެތި ސްމަގްލްކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި، ދިފާއީ އަދި ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުން.

  • އެހެނިހެން ދާއިރާތައް: ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް، މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާ، މަޖިލިސްތަކުގެ ގުޅުން އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުން.

މިއީ 2015 ވަނަ އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށްވާއިރު، މި ދަތުރުފުޅު ދިމާވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާއެވެ. މި ތާރީޚީ ދަތުރުފުޅާއެކު ރާއްޖެއާއި ޕާކިސްތާނުގެ އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް