އައްޑޫ ސިޓީ (ހުޅުދޫ އާއި މީދޫ ހިމެނޭހެން) އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތްތަކާ މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ރަސްމީކޮށް ހަވާލުވެ، އެ ކުންފުނީގެ ފުރަތަމަ ބިލިން ސައިކަލް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީން ހާމަކުރި ގޮތުގައި، ފުރަތަމަ ބިލިން ސައިކަލަށް މީޓަރު ރީޑިން ނެގުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ކުންފުނީގެ ރަސްމީ ޔުނިފޯމުގައިވާ މުވައްޒަފުން ގޭބިސީތަކަށާއި ހިދުމަތް ހޯދާ އެކި އިމާރާތްތަކަށް ޒިޔާރަތްކުރާނެއެވެ. އެހެންކަމުން، މީޓަރު ހަރުކޮށްފައިވާ ސަރަހައްދުތަކަށް މުވައްޒަފުންނަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ހުރިހާ ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ކުންފުނިން ވަނީ އެދިފައެވެ.
ހިދުމަތްތައް ބަދަލުވަމުންދާ މި މަރުހަލާގައި އެއްވެސް ކަސްޓަމަރަކަށް ދެމުންދާ ހިދުމަތަށް މެދުކެނޑުމެއް ނުއަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްޑަބްލިޔުއެސްސީން ވަނީ ދީފައެވެ. އަދި ހިދުމަތްތައް ލުއިފަސޭހަކަމާއެކު ހޯދުމަށްޓަކައި އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކޮށް، އެކައުންޓް ރަޖިސްޓްރީ ކުރުމަށާއި، ބިލުތަކަށް ސުންގަޑީގެ ކުރިން ފައިސާ ދައްކައި ހަލާސްކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
ކަސްޓަމަރުންނަށް ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫ (ހިރިޔާ މަގު) އަދި ފުވައްމުލަކު ސިޓީ (ނައިބުތުއްތު ހިނގުން، މިސްކިތް މަގު) ގައި ވަގުތީ ކަސްޓަމަރ ސަރވިސް ކައުންޓަރުތައް މިހާރު ވަނީ ގާއިމުކޮށްފައެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ހޮޓްލައިން 1575 އަށް ގުޅުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީމެއިލް ކުރެއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.


