އެކްސިޑެންޓްތައް މަދުކުރުމަށް ހުޅުމާލޭގެ މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ހަދަން އެޗްޑީސީން ފަށައިފި

ހުޅުމާލޭގެ މަގުތަކުގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެކި ސަރަހައްދުތަކުގައި ސްޕީޑު ބްރޭކަރުތައް ހެދުމާއި ބައެއް ބަންޕަރުތައް ބަދަލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ލަފަޔާއި އިރުޝާދުގެ ދަށުން އެޗްޑީސީން މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ދަށުން ހުޅުމާލޭގައި އެކްސިޑެންޓުތައް ގިނައިން ހިނގާ ކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި ސްޕީޑު ބްރޭކަރުތައް ހެދުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ހަދަމުންދަނީ ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރު ބޭނުންކުރި ޑިޒައިންގެ ތާރު ބަންޕަރުތަކެވެ.

މީގެކުރިންވެސް ހުޅުމާލޭގައި ހަރުކުރި ސްޕީޑު ބްރޭކަރުތަކުގެ ސަބަބުން އެކްސިޑެންޓުތައް ⁦70%⁩ އާއި ⁦80%⁩ އާ ދެމެދުގެ މިންވަރަކަށް މަދުވިކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް، އޭރު ބޭނުންކުރި މެޓީރިއަލްއާއި ޑިޒައިނާމެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެ ބަންޕަރުތައް ވަނީ ނަގާފައެވެ.

އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރަމުންދާއިރު، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މި މަހުގެ 22 އިން ފެށިގެން، ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ ތައްޔާރުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް