މާލޭގައި އާންމުންނަށް އުނދަގޫކުރާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިތާ ދޮޅު އަހަރުވީއިރުވެސް ހައްލުނުވެގެން، މުޙައްމަދު ސައީދު ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކުރިންވެސް ބަންދު ރެކޯޑެއް އޮތް، ހއ. ހޯރަފުއްޓަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އަޙުމަދު ފައިރިޝްއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބިރުދެއްކުމާއި، މުދަލަށް ގެއްލުންދިނުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައެވެ.
ޝަރީއަތުގައި ފައިރިޝް ވަނީ އޭނާއަށް ކުރެވުނު ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ނަމަވެސް ކޯޓުން އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ:
-
އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ފުލުހުންގެ ހާދިސާ ރިޕޯޓުގެ އިތުރުން ބަންދު ލޮގް ފަދަ ހެކިތައް ފުލުހުން ހުށަހަޅާފައިވާތީ.
-
އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށްވާތީއާއި، އޭނާއަކީ ބަންދު ރެކޯޑު އޮތް މީހަކަށްވާތީ.
އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 2 ވާ ހޯމަ ދުވަހަށެވެ.
ޒިންމާދާރު މަގާމެއް ފުރުއްވާ މުޙައްމަދު ސައީދު ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމުން 35 ގަޑިއިރަށްފަހު ވަނީ ނިންމާލާފައެވެ. ސައީދު ވިދާޅުވީ ހަޅުތާލު ނިންމާލި ނަމަވެސް، ދައުލަތުން ވެފައިވާ ވައުދުތައް ތަންފީޒުވަމުންދޭތޯ ސާބިތުކަމާއެކު ބައްލަވަމުން ދާނެ ކަމަށެވެ.





