ހދ. ކުޅުދުއްފުށި ސިޓީގައި ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ބޮލަށް އަނިޔާވި 20 އަހަރުގެ ފިރިހެން މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ހުކުރު ދުވަހުގެ މެންދުރު 14:09 ހާއިރު ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓުވި ވަގުތު ވިއްސައިގެން ދިޔަ ތަކެތި، އެ ސަރަހައްދުން ބައިސްކަލެއްގައި ދިޔަ ކުއްޖެއްގެ ގައިގައި ޖެހި އެ ކުއްޖާއަށްވެސް އަނިޔާވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި:
-
ބައިސްކަލުގައި ދިޔަ 17 އަހަރުގެ ކުއްޖާއަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާތީ، ފަރުވާ ދިނުމަށްފަހު ހުކުރު ދުވަހުގެ ރޭ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
-
އެކްސިޑެންޓުގައި ބޮލަށް އަނިޔާވި 20 އަހަރުގެ ފިރިހެން މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވާއިރު، ފައިގެ ފަލަމަސްގަނޑާ ހިސާބުން ބިނދިފައިވާ އަންހެން މީހާއަށް އަދިވެސް ދަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން އަންނީ އިތުރު ތަހުގީގެއް ހިންގަމުންނެވެ.
ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން މިހާތަނަށް 2,387 އެކްސިޑެންޓެއްގެ މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.





