ހުޅުމާލޭގެ ހިޔާ ޓަވަރުތަކުގެ ތެރެއިން މިހާތަނަށް 220 އެޕާޓުމަންޓެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރެއިލިން ހަރުކޮށްދީފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ދެ އިމާރާތަކުން ދެ ކުއްޖަކު ކައިރި ކައިރީގައި ވެއްޓި، އެއް ކުއްޖަކު މަރުވި ނުރައްކާތެރި ހާދިސާތަކަށްފަހު، އެޗްޑީސީން ވަނީ ބެލްކަނިތަކުގައި ރެއިލިން ހަރުކޮށްދޭން އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.
-
މިދިޔަ މަހުގެ 5 އިން 30 ގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1,011 މީހަކު ވަނީ ރެއިލިން ހަރުކޮށްދިނުމަށް އެދިފައެވެ.
-
އެޗްޑީސީން މިއަދު މައުލޫމާތު ދިން ގޮތުގައި، އޭގެ ތެރެއިން 220 އެޕާޓުމަންޓެއްގެ 273 ކުޑަދޮރުގައި މިހާރު ވަނީ ރެއިލިން ހަރުކޮށް ނިންމާފައެވެ.
-
މަސައްކަތް ނުނިމި ބާކީ ހުރި އެޕާޓްމަންޓްތަކުގެ ރެއިލިން ހަރުކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.
އެޗްޑީސީން މި މަސައްކަތް ކުރަމުންދާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެފްޑީސީ ފުލެޓުތަކުގެ ޔުޓިލިޓީ ބެލްކަނިތަކަށް އަމިއްލައަށް ބަދަލު ގެނެސްފައިވާނަމަ، އެކަންކަން ރަނގަޅުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ މި މަހުގެ 28 އާ ހަމައަށް މުއްދަތު ދީފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.





