ބްރިޖް ހަލިމަގުން ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފުލުހެއްގެ ގައިގައިޖެހި ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖެހި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާއިން ވަނީ ތަފްސީލު ހާމަކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާން ވިދާޅުވި ގޮތުގައި، ރޭ ފަތުހު 4:29 ހާއިރު މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ މި ސައިކަލު ކޮންޓްރޯލް ނުވީ ބްރިޖް ހަލިމަގު ސަރަހައްދުގައެވެ. އެ ވަގުތު އެ ތަނުގައި ޑިއުޓީ ކުރަމުންދިޔަ ފުލުހެއްގެ ގައިގައި ސައިކަލު ޖެހުމާއެކު، އެ ސައިކަލު އެ ތަނުގައި ތިބި އެހެން ފުލުހުން ވަނީ ވަގުތުން ހުއްޓުވާފައެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ފުލުހުންގެ އޮފިސަރަށް ލިބިފައިވާ އަނިޔާތައް ސީރިއަސް ކަމަށާއި، މިހާރު އޭޑީކޭ ހޮސްޕިޓަލްގައި އެ އޮފިސަރަށް ފަރުވާ ދެމުން އަންނަ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ. ނަމަވެސް އެ އޮފިސަރަށް ލިބުނު އަނިޔާތަކުގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ސައިކަލުގައި ދެން އިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް