މާލޭގެ މޭޔަރު އާދަމް ޢާޒިމް: - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމަށް ހައުސިން މިނިސްޓްރީން ނިންމުމާ ގުޅިގެން، އެ މައްސަލައިގައި ކޯޓަށް ދިއުމަށް މާލޭ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއަކުން ނިންމައިފިއެވެ.

ކައުންސިލުން ބޭއްވި ކުއްލި ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ގާލިބް ހުށަހެޅުއްވި ހުށަހެޅުމާއެކު ފާސްކުރީ، މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަށް ކޯޓަށް ދިއުމަށާއި، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓާ ހަމައަށްވެސް މައްސަލަ ގެންދިއުމަށެވެ.

ޖަލްސާގައި މޭޔަރު އާދަމް އާޒިމް އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި މައިގަނޑު ނުކުތާތައް:

  • ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޒް ވިދާޅުވީ މިއީ ގަސްތުގައި ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ ކަމެއް ކަމަށާއި، ސަރުކާރަށް ގާނޫނު ހަނދާންކޮށްދޭން ކޯޓަށް ދާންޖެހޭ ކަމަށެވެ.

  • މާފަންނު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ފުރުޝާން ވިދާޅުވީ ފިނޭންސް މިނިސްޓްރީން ހުޅުމާލެއިން 94.5 މިލިއަން ރުފިޔާއަށް ބިމެއް ގަނެފައިވާއިރު، މާލޭގެ ބިންތައް އަގަކާ ނުލައި ދޭންޖެހޭ ސަބަބެއް ނެތް ކަމަށާއި މާލޭގެ ބިމެއް ނަގާނަމަ ރައްޔިތުންނަށް ބަދަލު ދޭންޖެހޭނެ ކަމަށެވެ. އަދި އިއުލާންކުރިއިރު ކައުންސިލްގެ ބަހެއް ހޯދާފައި ނުވާކަންވެސް ފާހަގަކުރެއްވިއެވެ.

  • މޭޔަރު އާދަމް އާޒިމް ވިދާޅުވީ ނަގަން އުޅޭ ބިންތަކަކީ ކައުންސިލަށް އާމްދަނީ ލިބޭ ބިންތަކެއް ކަމަށްވާތީ، ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުގައި ދައުލަތަށް ނަގަން ނިންމާފައިވަނީ ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު، މަސް މާރުކޭޓާއި އެތަނުގެ ހިއްކި ސަރަހައްދު، ލޯކަލް މާރުކޭޓު، ކައުންސިލް މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިންގ، ވިޔަފާރިވެރިންގެ ޖަމިއްޔާ އިމާރާތް، ކާނިވާ ސަރަހައްދު، އާޓިފިޝަލް ބީޗު، މަސްވެރިންގެ މައިޒާން، ތައިސޭ ކޮށި، ކުލީ ފާޚާނާ ނަންބަރު 2، ގަސްގަހާގެހި ރައްކާކުރާ ބިން، ބޮނޑިބަތް ޕާކު އަދި ރަސްފަންނެވެ.

ލާމަރުކަޒީ ގާނޫނަށް މިދިޔަ ސެޕްޓެމްބަރު މަހު ގެނެސްފައިވާ ބަދަލާއެކު، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކުގެ އިޚްތިޞާޞުން ބިން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގުމުގެ ބާރު ސަރުކާރަށް ލިބެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް