މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި، ޚާއްޞަކޮށް ސްކޫލް ކުދިންނާއި ބެލެނިވެރިންނަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން މުދާ އުފުލާ އުޅަނދުތަކާއި ބަރު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.
އަލަށް އާންމުކުރި އުސޫލުގެ ދަށުން، ސްކޫލް އޮންނަ ދުވަސްތަކުގެ ހެނދުނު 06:00 އިން 08:30 އަށް އަދި މެންދުރު 11:30 އިން 01:30 އަށް 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ.
މި ވަގުތުތަކުގައި ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގައްޔާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި އެފަދަ އުޅަނދުތައް ދުއްވުން މަނާވާނެއެވެ. ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައެވެ. އަދި އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.





