ގޯތިގެދޮރު އެޅުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިކުއިޓީއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ބައެއް، ސަރުކާރުން ހލަފަތުގެ ގޮތުގައި ދައްކައިދޭ ގޮތަށް ޚާއްސަ އުސޫލެއް އެކުލަވާލައި އެފަދަ ސްކީމެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރޮގްރާމުގައި، ހުޅުމާލެއިން ލިބިފައިވާ ގޯތީގައި ގެއެއް އިމާރާތް ކުރުމަށް ލޯނު ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަން ފާހަގަކޮށް ރައްޔިތަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
ބޭންކުތަކުން ލޯނު ދޫކުރަނީ ޖުމްލަ އަދަދުގެ ފަސް އިންސައްތަ އިކުއިޓީގެ ގޮތުގައި ދެއްކުމުން ކަމަށްވީ ނަމަވެސް، އެ ފައިސާ އެއްފަހަރާ ދެއްކުމަކީ ގިނަ ރައްޔިތުންނަށް އޮތް ބޮޑު ހުރަހެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން، ގޯތި ހެދޭނެ މާލީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ބޭންކުތަކަށް ވަދެވޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޓްރަސްޓް ފަންޑެއްގައި މިހާރުވެސް ފައިސާ ބަހައްޓާފައިވާ ކަމަށާއި، އިކުއިޓީއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ބައެއް ސަރުކާރުން ދޫކުރާނީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އާއިލާގެ މެންބަރުން ނުވަތަ އެކުވެރިން އެއްބާރުލައިގެން ގޯތި ހެދުމަށް މި ސްކީމުގެ ތެރެއިން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.





