ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކޮށް، އަތޮޅުތެރޭގެ ރަށްރަށުން ލިބޭ ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރޮގްރާމުގައި، އަތޮޅުތެރޭގައި އެކަށީގެންވާ ސިއްހީ ޚިދުމަތް ނުލިބޭތީ ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފްސާނީ ފަރުވާ ހޯދުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އާންމުންގެ މީހަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ޝަކުވާތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ސިއްހީ ފަރުވާއަށް މާލެ އަންނަންޖެހޭ މިންވަރު މަދުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ދެ އަހަރެއްގެ ތެރޭގައި ލޯކަލް ލެވެލްއެއްގައި ސިއްހީ ޚިދުމަތްތައް ވަރުގަދަކޮށް، އާބާދީ ކުޑަ ރަށްރަށަށްވެސް ކައިރީގައިވާ އާބާދީ ބޮޑު ރަށްރަށުން ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ނިޒާމު ހަރުދަނާކުރެވިފައިވާ ކަމަށާއި، އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކުން ލިބޭ ފަރުވާގެ ފެންވަރު މަތިކޮށް އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ބާރުމުވެސް ތުވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.





