ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ:އެމްއެސީއެލް

ރާއްޖެއަށް 1.8 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި އިންޑިއާއަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ދީފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޝަނަވާސް މަލަޔިލް (39އ) އެވެ. މިއަދު ކްރިމިނަލް ކޯޓުން ދިން ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވާ ހުކުރު ދުވަހަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުކުރުމަށް ނިންމާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ރިޕޯޓާއި ކަސްޓަމްސް އޮފިސަރުންގެ ބަޔާން ހިމެނޭހެން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ހުށަހަޅާފައިވާތީއެވެ. އޭނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ފުޅި ފެނުމާ ގުޅިގެން ކަސްޓަމްސްއިން ވަނީ އޭނާއާއި ލަގެޖު ފުލުހުންނާ ހަވާލުކޮށްފައެވެ.

ފުލުހުންގެ ބަޔާނުގައިވާ ގޮތުން، އެ މަސްތުވާތަކެއްޗާ ގުޅޭގޮތުން ސުވާލުކުރުމުން އެއީ އޭނާގެ ތަކެތި ކަމަށާއި އެއްވެސް މީހަކާ ހަވާލުކުރަންޖެހޭ އެއްޗެއް ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން އެ ތަކެއްޗާ ހަވާލުވާ މީހަކު ބެލުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިނުވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އޭނާގެ ލަގެޖުން ފެނުނު ތަކެތީގެ ތަހުލީލު ރިޕޯޓުން އެއީ ޓެޓްރާހައިޑްރީ ކެނަބިނޯލް ނުވަތަ ކެނަބިނޯލްކަން އެނގިފައިވާއިރު، އެ ތަކެތީގެ ޖުމްލަ ބަރުދަނުގައި 1.808 ކިލޯ ހުއްޓެވެ. މީގެއިތުރުން، އޭނާގެ ކުޑަކަމުދާ ތަކެތި ވަނީ އެމްފިޓަމިން އަދި ކެނަބިސްއަށް ޕޮޒިޓިވްވެފައެވެ.

ކޯޓުން ބުނެފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރަށް ބަލާއިރު، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފެންނާތީ ބަންދުގައި ބަހައްޓަންޖެހޭ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް