ތިމަރަފުށީ ޓެރަރިޒަމް މައްސަލަ: ދައުލަތުން ކުރި ހަތް ދައުވާއިން ސާބިތުވީ ތިން ދައުވާ

މީގެ ފަސް އަހަރު ކުރިން ތ. ތިމަރަފުށީގައި އިސްލާމް ދީނާ ދުރު، ހަރުކަށި ފިކުރު އާލާކޮށް ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން މިނިވަންވުމުން، އެ މީހުންގެ މައްޗަށް މޮނީޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރެއް ނެރެދިނުމަށް ހޯމް މިނިސްޓްރީން ހައިކޯޓުގައި އެދިއްޖެއެވެ.

ތިމަރަފުށީގައި އައިއެސްއަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ދިވެހިރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި 2021 ވަނަ އަހަރު އަށް މީހަކު ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާތަކެއް ކުރިއެވެ.

  • ދައުވާ ސާބިތުވި މީހުން: ޢަބްދުالله ޢިމާދާއި، ޢަލީ މުނީޒާއި، އިބްރާހީމް ލޫތު އަދި ޢަލީ އަރުޙަމް މުޙައްމަދު.

  • މިނިވަންވި ގޮތް: ކޯޓުން ހުކުމް ކުރިއިރު، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޢަލީ އަރުޙަމް ފިޔަވައި ދެން ތިބި ތިން މީހުން ވަނީ މިނިވަންވެފައެވެ.

  • ދައުވާ ސާބިތުނުވި މީހުން: މުހައްމަދު އާސިރު، އަބްދުﷲ ޝަރީފް، އަހުސަން މުހައްމަދު އަދި ޝަމާހު ޝަރީފް.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ ގޮތުން، އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ފެންނަ މީހުންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި ހޯމް މިނިސްޓްރީއަށް ހައިކޯޓަށް ހުށަހެޅިދާނެއެވެ.

މޮނިކޮން އަމުރެއްގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. އަދި މުއްދަތު އިތުރުކުރަންޖެހޭ ކަމަށް ގަބޫލުކުރެވިއްޖެނަމަ، އިތުރު އެއް އަހަރަށް މުއްދަތު އިތުރުކުރުމަށް ކޯޓުގައި އެދެވޭނެއެވެ. ކޯޓުން މިފަދަ އަމުރެއް ނެރެފިނަމަ އެ އަމުރު ތަންފީޒުކުރާނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ.

މި މައްސަލައިގައި މޮނިކޮން އަމުރެއް ނެރުމާ ގުޅޭގޮތުން ހައިކޯޓުން ނުވަތަ ފުލުހުންގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް