ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި "ހޯކްސް ވޮޔޭޖް" ލޭންޑިންގ ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރުންނަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" އަރުވައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރެވެ. ލޭންޑިންގ ކްރާފްޓް "ހޯކްސް ވޮޔޭޖް" ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލުމާ ގުޅިގެން، އޭގައި ދަތުރުކުރި 10 މީހުން ވަނީ ކަނޑުވެފައެވެ.
މިގޮތުން ގަދަ ކަނޑުގައި އެ މީހުން ސަލާމަތްކުރުމަށް މި އޮފިސަރުން ކުރި ހިތްވަރުގަދަ މަސައްކަތުން، ކަނޑުވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.
މިކަމާއި ގުޅިގެން މިއަދު ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުހައްމަދެވެ.
ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ހާސިލުކުރެއްވި އޮފިސަރުންނަކީ ސީނިއާ ސާޖަންޓް އަޙްމަދު އާމިރާއި، ކޮންސްޓަބަލް މުޙައްމަދު ލަހްފާންގެ އިތުރުން ކޮންސްޓަބަލް ޢަލީ ޒިދާނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވަނީ ފުރާނައަށް ނުރައްކާވާ ފަދަ ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ހިތްވަރާއި، އިހުލާސްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ މި މަސައްކަތުގައި އޮފިސަރުން ދެއްކެވި ހިތްވަރަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާއިރު ގުޅިގެން މަސައްކަތްކުރުމާއި، އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ފުރާނަ ސަލާމަތްކުރުމަށާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ދޭ އަހައްމިއްޔަތު ތަކުރާރުކުރައްވައި، ވާޖިބު އަދާކުރުމުގައި ނަމޫނާ ހިތްވަރާއި އިޚްލާޞްތެރިކަން ސާބިތުކޮށްދޭ އޮފިސަރުންގެ އަގުވަޒަންކުރުމަކީ މުއައްސަސާއިން އަބަދުވެސް ނުހަނު އިސްކަންދޭ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.





