ކ. ގުރައިދޫގައި ދެމީހެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ މީހަކު މިއަދު ޒަހަމްކޮށްލައިފިއެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިން މީހާ ވަނީ ހައްޔަރުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި، އަނިޔާވި ޒުވާނާއަށް ހަމަލާދީފައިވަނީ ވަޅިއަކުންނެވެ. މި ހާދިސާގައި އޭނާގެ ބަނޑަށް ޒަހަމްތަކެއް ލިބިފައިވާއިރު، އިތުރު ފަރުވާއަށް އޭނާ މިހާރު ވަނީ މާލެއަށް ގެނެސްފައެވެ. ގުރައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާލީޒް ވިދާޅުވީ، ކައުންސިލަށް މި ހާދިސާގެ މައުލޫމާތު ލިބުނީ އެ ރަށު ހެލްތު ސެންޓަރުން މައްސަލަ ރިޕޯޓްކުރުމުން ކަމަށެވެ.
މި މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި އާންމެއް ނުކުރެއެވެ.





