ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކެއް

ގަވާއިދުން ކުލި ނުދައްކާ ހުޅުމާލެ 2 ގެ "އަމާން ޓަވަރު" ތަކުގެ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލްކޮށް، އެ ދެ ފްލެޓް ހުސްކުރުމަށް 15 ދުވަހުގެ ނޯޓިސް ދިނުމަށްފަހު "ފަހި ޕޯޓަލް" ގެ އެކްސެސް ކަނޑާލާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ.

އެފްޑީސީން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެއްބަސްވުން ބާތިލްކުރުމުގެ ކުރިން ގަވާއިދުން ކުލި ދެއްކުމަށް އެ ދެ ފްލެޓުގެ ވެރިފަރާތަށް އެކި ފަހަރު މަތިން ފުރުސަތު ދިނެވެ. އެގޮތުން:

  • ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ މުއްދަތެއް ދެވުނެވެ.

  • އެ މުއްދަތުގެ ތެރޭގައި ކުލި ދެއްކުމަށް އެދި ދެ ފަހަރެއްގެ މަތިން ނޯޓިސް ފޮނުވުނެވެ.

  • އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވަނީ ހަވާލުކުރެވިފައެވެ.

ނަމަވެސް ކަނޑައެޅި މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުން ބާތިލްކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ފްލެޓް ހުސްކޮށް އެފްޑީސީއާ ހަވާލުކުރުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދެވިފައިވާ އެކްސެސްވެސް މިހާރު ވަނީ ކަނޑާލާފައެވެ.

އެފްޑީސީން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ހުޅުމާލޭގައި އެ ކުންފުނިން އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3,362 ޔުނިޓުންނެވެ. އަދި މަހުން މަހަށް ގަވާއިދުން ކުލި ނުދައްކާ 564 ފްލެޓް އެބަހުއްޓެވެ.

އެފްޑީސީން ބުނެފައިވަނީ، ގަވާއިދުން ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ފްލެޓް ހުސްކުރަން އަންގަނީ އެއްބަސްވުމުގެ އުސޫލުތައް ދަމަހައްޓައި، އެންމެންގެ މައްޗަށް ހަމަހަމަކަމާއި އިންސާފު ގާއިމްކުރުމަށެވެ. އަދި އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓަނެންސް ފީ ދެއްކެވުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް