ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 31.5 ބިލިޔަން ރުފިޔާއަށް އަރައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަން މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ހާމަވެއްޖެއެވެ.
މި ކުރިއެރުން މައިގަނޑު ގޮތެއްގައި އައިސްފައިވަނީ އިމްޕޯޓް ޑިއުޓީއާއި ޖީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ 24.3 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 515 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، 8 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 35.9 ބިލިޔަން ރުފިޔާއަށް އަރައި، 18.3 އިންސައްތައިން އިތުރުވެފައެވެ. މީގެ ތެރެއިން މުސާރައާއި ސަބްސިޑީ އަދި އާސަންދައަށް ކުރި ހޭދަ ބޮޑުތަނުން އިތުރުވެފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ޚަރަދު ވަނީ 4.3 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއާއެކު މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ މާލީ ހިސާބުތަކުން 4.4 ބިލިޔަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ވަނީ ރެކޯޑް ކުރެވިފައެވެ.





