ކިނޮޅަސް ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

ރ. ކިނޮޅަހުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ކިނޮޅަސް ޕޮލިސް ޕޯސްޓު އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކުރައްވައިފިއެވެ.

އެ ކުންފުނިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދަނީ އިމާރާތުގެ ސީލިންގ ކުރުމުގެ މަސައްކަތާއި، ފްލޯއަށް ބޭނުންވާ ކޮންކްރީޓް ސްކްރީޑް މަސައްކަތުގެ އިތުރުން، އިމާރާތުގެ ވަށާފާރުގެ ލިންޓެލް ބީމް ޖެހުމުގެ މުހިންމު މަސައްކަތްތަކެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ދަށުން، މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 14 ވަނަ ދުވަހުއެވެ. މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތާއި އެކަމަށް ބޭނުންވާ ޒަރޫރީ ވަސީލަތްތައް ޤާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.

ރައްޔިތުންނަށް ޤާނޫނީ ބާރުވެރިކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކަންކޮޅުތަކުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކުގެ އިތުރުން ޕޮލިސް ޑެސްކުތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ދަނީ ވަރަށް ބާރަށް ކުރިއަށް ގެންދެވެމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް