މުދަލުގައި އަގު ނުޖަހާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފި

ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ ތަކެތީގައި ސާފުކޮށް އަގު ނުޖަހާ މައްސަލަ ބޮޑުވުމާ ގުޅިގެން، ޤާނޫނާ ޚިލާފަށް އެގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން އިންޒާރުދީފިއެވެ.

މިނިސްޓްރީން ނެރުނު ޚާއްސަ އިއުލާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ފިހާރަތަކާއި ވިޔަފާރިކުރާ އެހެނިހެން ތަންތނުން ވިއްކަން ބަހައްޓާ މުދަލުގައި ގަންނަ މީހުންނަށް ސާފުކޮށް ފެންނާނެހެން އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ވަނީ ތަކުރާރުކޮށް ލިބިފައެވެ. މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު ބަޔާންކުރާ ގޮތުން، ވިއްކާ މުދަލުގެ އަގު ކޮންމެ ކަސްޓަމަރަކަށްވެސް ސާފުކޮށް އެނގެން ނެތް ގޮތަށް ބެހެއްޓުމަކީ މަނާކަމެކެވެ.

ޤާނޫނުގައިވާ ގޮތުން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުމުން، ނުވަތަ އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި އެއީ ކޮން މުދަލެއްގެ އަގެއްކަން ކަނޑައެޅިގެން ސާފުވާނެހެން ލިޔެފައި ހުރުމުންނެވެ. އެހެންކަމުން، މި އުޞޫލަށް ފުރިހަމައަށް ފެތޭގޮތަށް މުދަލުގައި އަގު ޖެހުމަށް ވިޔަފާރިތަކަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ވިޔަފާރިތަކުން މި މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރޭތޯ ބެލުމަށްޓަކައި، ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ފިހާރަތައް އިންސްޕެކްޓްކޮށް މޮނިޓާ ކުރަމުން ގެންދާނެ ކަމަށާއި، މި ޤާނޫނާ ޚިލާފުވެ އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް