ރާއްޖޭގައި ހުންނަ ޖަރުމަނުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކޮށްފި

ރާއްޖޭގައި ހުންނަ ޖަރުމަންވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ކުއްލި ގޮތަކަށް ބަންދުކޮށް، އެތަނުން ދެމުން އައި ޚިދުމަތްތައް މެދުކަނޑާލައިފިއެވެ.

މިކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ ރަސްމީ ބަހެއް އަދި ލިބިފައިނުވި ނަމަވެސް، ސްރީލަންކާގައި ހުންނަ ޖަރުމަނުގެ އެމްބަސީގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން މި ބަދަލާއެކު ރާއްޖޭގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ޖަރުމަނުގެ ރައްޔިތުން ދެން ކޮންސިއުލަރ އަދި ޑިޕްލޮމެޓިކް ހިދުމަތްތައް ހޯދަން ޖެހޭނީ ކޮލަމްބޯގައި ހުންނަ އެމްބަސީ މެދުވެރިކޮށެވެ. އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރަން މެދުވެރިވި ސީދާ ސަބަބު ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައި ނުވެއެވެ.

މި ނިންމުމާ ގުޅިގެން ރާއްޖޭގެ މައިގަނޑު ސިޔާސީ ޕާޓީތަކާއި އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން ބޮޑުވެފައެވެ. އެގޮތުން އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައިވަނީ، ޑިޕްލޮމެޓިކް މިފަދަ އޮފީހެއް ބަންދުކުރުމަކީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް ކަމަށާއި، މިއީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ގުޅުމަށް އެޅުނު ހުރަހެއް ކަމަށް ދެކޭ ކަމަށެވެ.

ޚާއްސަކޮށް، ޖަރުމަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ މުހިންމު އަދި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ އެއް ޤައުމުކަމަށްވާއިރު، ރާއްޖޭގައި ކޮންސިއުލޭޓެއް ނެތުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ އެ ޤައުމުގެ ފަތުރުވެރިންނަށް ކުއްލި ހާލަތްތަކުގައި ބޭނުންވާ އެހީތެރިކަމާއި ކޮންސިއުލަރ ޚިދުމަތް ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ. މިފަދަ މުހިންމު އޮފީހެއް ބަންދުވުމާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުންތަކަށް ކޮންމެވެސް ވަރެއްގެ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް މާހިރުން ވެސް ދަނީ ބުނަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް