މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނެ އަގެއް ހޯދައިދިނުމާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މި ބަދަލުތައް ގެނެސްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފައިވެއެވެ.
މިފްކޯއިން އަމަލުކުރަން ފަށާފައިވާ އާ ރޭޓުތަކުގެ ތަފްސީލަށް ބަލާއިރު، މަސްވެރިކަން ކުރާ މިންވަރަށް ބިނާކޮށް ތިން އަގެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، 1 ޓަނާއި 5 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރާނަމަ ކިލޯއެއް 21.00 ރުފިޔާއަށް ގަންނައިރު، 5 ޓަނާއި 8 ޓަނާ ދެމެދުގެ އަދަދަކަށްވާނަމަ ކިލޯއެއްގެ ރޭޓަކީ 22.00 ރުފިޔާއެވެ. އަދި 8 ޓަނަށްވުރެ އިތުރަށް މަސް ކިރާ ފަރާތްތަކަށް އެންމެ ބޮޑު ރޭޓެއްގެ ގޮތުން ކިލޯއެއް 22.75 ރުފިޔާގެ މަގުން ލިބިގެންދާނެއެވެ.
މި އާ އަގުތަކާއެކު މަސް ގަތުމުގެ އިންތިޒާމުތައް މިހާރު ވަނީ މިފްކޯގެ މައިގަނޑު ބައެއް ބަނދަރުތަކުގައި ހަމަޖައްސާފައެވެ. އެގޮތުން ޅ. ފެލިވަރާއި، ގދ. ތިނަދޫގެ އިތުރުން ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން މިއަދުވެސް މި އާ ރޭޓުތަކުގައި މަސް ގަންނަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން އިތުރަށް ޔަގީންކޮށްދީފައިވާ ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވެ ހިފެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާނެއެވެ. މި ނިންމުމަކީ މަސްވެރިންނަށް ލިބޭނެ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.





