ޅަފަތުގެ ފިރިހެން ކުދިން ޚިތާނުކުރުމަށްފަހު ދިމާވާ ސިއްހީ އެކި މައްސަލަތަކާއި، އެކުދިންގެ އިސްކޮޅާއި ބަރުދަން ނުވަތަ "ބޮޑީ މަސް އިންޑެކްސް" (ބީއެމްއައި) އާ ދެމެދު ބޮޑު ގުޅުމެއްވާކަން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހެދި ދިރާސާއަކުން ހާމަވެއްޖެއެވެ.
ސާޖަން ޑރ. ޢަބްދުﷲ އުބައިދު އިސްވެ ހުންނަވައިގެން 143 ކުދިން ބައިވެރިކޮށްގެން ކުރިއަށްގެންދެވި މި ދިރާސާއަކީ، މިފަދަ މައުޟޫއަކަށް ރާއްޖޭގައި ހެދި ފުރަތަމަ އިލްމީ ދިރާސާއެވެ.
މި ދިރާސާގެ ތަފާސްހިސާބުތަކުން ހާމަވި އެންމެ މުހިންމު އެއް ކަމަކީ ކުއްޖާގެ އިސްކޮޅާއި ބީއެމްއައި މަތިވާ ވަރަކަށް، އޮޕަރޭޝަނަށްފަހު ލޭފޭބުމުގެ ފުރުސަތު އިތުރުވެގެންދާ ކަމާއި، އޮޕަރޭޝަނަށްފަހު ދުޅަވުމުގެ ޝަކުވާ ގިނައިން ފާހަގަކުރެވުނު ކަމެވެ. ޑރ. އުބައިދު ފާހަގަކުރެއްވި ގޮތުގައި، ކުދިން ޚިތާނުކުރުމުގައި އެކުދިންގެ ބީއެމްއައި އަކީ ނަތީޖާ ކާމިޔާބުވުމާއި ނުރައްކާތައް މަދުކުރުމުގައި ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ.
އަދި މި ހޯދުމުގެ ސަބަބުން ކުރިމަގުގައި މިފަދަ އޮޕަރޭޝަންތައް އިތުރަށް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ސިއްހީ ޚިދުމަތްތެރިންނަށް އެހީތެރިވެދޭނެއެވެ.





