މާލޭގެ ޕާކިން މައްސަލައަށް ހައްލެއް: އަންނަ ނޮވެމްބަރުގައި ބިލްޑިންގްތައް ބޭނުންކުރަން ފަށަނީ

މާލެ ސަރަހައްދުގައި ޕާކުކުރުމަށް ދިމާވެފައިވާ ބޮޑު ދައްޗަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ކުރިއަށް ގެންދާ ޕާކިން ބިލްޑިންގް މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމުގެ އެންމެ ފަހުގެ މަރުހަލާތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ޖުމްލަ 7 ޕާކިން ބިލްޑިންގް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ބާރުދުވެލީގައި ރާވާފައިވާ ކަމަށެވެ. މި މަޝްރޫޢު މުޅިން ނިމިގެންދާއިރު، ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ހާއްސަކޮށް 2,600 އަށްވުރެ ގިނަ ސްލޮޓާއި، ސައިކަލު ފަދަ ދެ ފުރޮޅުލީ އުޅަނދުތަކަށް 1,000 ޖާގަ ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކޮށް، ޓްރެފިކްގެ މައްސަލަތަކަށް ލުޔެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ދެ ސަރަޙައްދުގެ މައުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ހީނާމާގޭ ބިމުގައި ހަދާ ޕާކިން ބިލްޑިންގްގެ ކޮންޓްރެކްޓަރާއެކު ފަހު މަރުހަލާގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ސޯސަންމަގުގައި ހުންނަ ދިވެހި ގައުމީ ޔުނިވާސިޓީ ކައިރީގައި އަޅާ ދެވަނަ އިމާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް އިއްޔެ ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މަސައްކަތްވެސް ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ (2027 ވަނަ އަހަރުގެ) ނޮވެމްބަރު މަހަށް މި ދެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، ރައްޔިތުންނަށް ބޭނުންކުރަން ފެށޭނެ ގޮތް ހެދުމެވެ.

ޕާކިން ބިލްޑިންގްތައް އެޅުމުގެ އިތުރުން، މާލޭގެ ހަނި މަގުތަކުގެ ޓްރެފިކް ފްލޯއަށް ލުޔެއް ހޯދައިދިނުމަށްޓަކައި 4 މަގެއްގެ ޑިޒައިނަށް ބަދަލު ގެނައުމުގެ ދިރާސާތަކާއި ކުރެހުމުގެ މަސައްކަތްތައް އާންމުންގެ ހިޔާލާއެކު ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހުތަކާ އެއްގޮތަށް ކަންކަން ތަންފީޒުކުރުމަށް ވަނީ ފަށާފައެވެ.

މި ކަންކަން ތަންފީޒުކުރުމުގައި ލަފާދިނުމަށްޓަކައި "ރޯޑް ސޭފްޓީ ކައުންސިލް" ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލާފައިވާއިރު، މި ކައުންސިލްގައި ދަތުރުފަތުރާ ބެހޭ ވުޒާރާއާއި، ދާހިލީ ވުޒާރާއާއި، ބަންޑާރަނައިބުގެ އޮފީހާއި، އިމާރާތްކުރުމާ ބެހޭ ވުޒާރާގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތް ހިމެނެއެވެ. މި ކައުންސިލްގެ ބައްދަލުވުންތައް މިހާރު ފަށާފައިވާއިރު، މިއިން ކޮންމެ މަސައްކަތަކުންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މަގުތައް ތޮއްޖެހުން ކުޑަކުރުމުގެ މަގުސަދުގައި ބޮޑެތި އުޅަނދުފަހަރު (ހެވީ ވެހިކަލް) ދުއްވުމާ ގުޅޭ އައު އުސޫލެއް އެކުލަވާލަމުންދާ ކަމަށާއި، އަންނަ ހަފުތާގެ ތެރޭގައި އެ އުސޫލު ގެޒެޓްކުރެވޭނެ ކަމަށްވެސް ވަޒީރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް