ސުޕްރީމް ކޯޓު

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވާ ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.

ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލަ ބަލައިނުގަތުމަށް ނިންމެވި ސަބަބެއް ކަމަށް ރަޖިސްޓްރާ ފާހަގަކުރެއްވީ، މިއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައަކަށް ނުވާތީއެވެ. ނަމަވެސް، މި ނިންމެވުން މުރާޖާކޮށްދިނުމަށް އެދި 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް 99 އަހަރަށް ބޭރުގެ ކުންފުންޏަކަށް ބިން ދޫކުރުމުގެ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތުމުން ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ހިލާފުވާ ކަމަށެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ތަރައްގީކުރުމަށް އީގަލް ހިލްސްއާއެކު ސޮއިކޮށްފައިވާއިރު، އެ ތަނުން އިސްރާއީލުގެ މީހުންނަށް ޕްރޮޕަޓީ ގަނެވިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ސަރުކާރާއި އެ ކުންފުނިން ވަނީ އެފަދަ ނުރައްކަލެއް ނޯންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް