ޑޮލަރު

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ޑިކްލެއާ ކުރުމަކާ ނުލައި ގަވާއިދާ ޚިލާފަށް ރާއްޖޭން ބޭރަށް ގެންދާން އުޅުނު 905،669.80 ދިވެހި ރުފިޔާއަށް އަގުއަރާ ބޭރު ފައިސާ އަތުލައިގަނެ، އިންޑިއާ ފަސިންޖަރަކު ހުއްޓުވައިފިއެވެ.

ކަސްޓަމްސްއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މި ފައިސާތައް އަތުލައިގަނެފައިވަނީ މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރަން ދިޔަ އިންޑިއާ ރައްޔިތެއްގެ އަތުންނެވެ. އޭނާގެ އަތުން ފެނުނު ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ނަމަވެސް، އެއީ ކޮން ގައުމުތަކެއްގެ ފައިސާއެއްކަން ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.

ގާނޫނާއި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގެންގުޅުމާއި ރާއްޖޭން ބޭރުކުރަން އުޅޭ މައްސަލަތައް އިތުރުވަމުންދާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ސީރިއަލް ޕެކެޓުތަކެއްގައި ފޮރުވައިގެން 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖޭން ބޭރުކުރަން އުޅުނު ހަ ބިދޭސީއަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ހުއްދަނެތި ބޭންކިން ޚިދުމަތް ދިނުމާއި ބޭރު ފައިސާގެ ގަވާއިދާ ޚިލާފު ވިޔަފާރިކުރުމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހުވެސް ފުލުހުން ވަނީ ބިދޭސީންތަކެއް ދިރިއުޅޭ ތަންތަން ބަލައިފާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް