ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ތިންވަނަ ބުރު ފަށައިފި

ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ތިން ވަނަ ބުރުގައި ބައިވެރިވާ 84 ދަރިވަރުންގެ ތަމްރީނުތައް ފަށައިފިއެވެ.

ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ މި ޒުވާނުންގެ ތެރޭގައި ހިމެނެނީ 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުންނެވެ.

ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި 16 ހަފުތާގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ސެޓްފިކެޓް ލެވެލް 3 ގެ ހަ ކޯހެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން، އަދި އޮފީސް މެނޭޖްމަންޓް ކޯސް ހިމެނެއެވެ.

މި ކޯސްތަކުގެ އިތުރުން، ފިޒިކަލް ފިޓްނަސް، ސްވިމިންގ، ޑްރިލް، އަދި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ލައިފް ސްކިލްސް، ޓީމް ބިލްޑިންގ، ލީޑަރޝިޕް، އަދި އަޚްލާޤީ ތަރުބިއްޔަތު ދަސްކޮށްދެވޭނެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެށި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކާއެކު، ޢަޤީދާ ވަރުގަދަ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް